ވަޠަނީ ޚިދުމަތް

national service

wathanee hidhumaiy

ޒުވާނުން ޤާނޫނީގޮތުން ސިފައިންގެ ތެރޭގައި ވަކި މުއްދަތަކަށް އުޅޭގޮތަށް ހަމަޖައްސައިފައިވާ ނިޒާމުގެ ތެރެއިން ކުރާ ޚިދުމަތް.

ހިރާސް

Risk

Hiraas

"1. ނުރައްކަލަކަށް ހުޅުވިދާނޭފަދަ ޙާލަތެއް. 2. ނޭދެވޭ ކަމެއް މެދުވެރިވުމުގެ ފުރުސަތު. 3. ގެއްލުމެއް ލިބިދާނޭފަދަ ނުވަތަ ނުރައްކަލަކާ ކުރިމަތިލާންޖެހިދާނޭފަދަ ކަމެއް. 4. ރިސްކު."

ހަނދު

MOON

Ha'ndhu

1 ބިމުގެ ވަށައިގެން ދައުރުކުރާ ޤުދުރަތީ ޖިސްމެއް. މިއިން ފެންނަ އައްޔަކީ އިރުގެ އަލި އެއަށް އެޅުމުން ރިވެލިވާ އައްޔެވެ. އިސްލާމީ ކަލަންޑަރު ބިނާވެފައިވަނީ މި ޖިސްމުގެ ދައުރުވުމުގެ މައްޗަށެވެ. .މިސާލު: ރަމަޟާން މަހުގެ ހަނދު ފެނުމުން ރޯދަމަސް ފެށުނީއެވެ. 2 ގުރަހައެއްގެ ވަށައިގެން އެނބުރޭ ޤުދުރަތީ ޖިސްމު. އާންމު ގޮތެއްގައި މި ފަދަ ޖިސްމުތައް ހުންނަނީ ވަށްކޮށެވެ. އެ ގުރަހައެއްގެ ވަށައިގެން ދައުރުކުރާ އެންމެ ގިނަ ހަނދު ފެނިފައިވާ ގުރަހައަކީ މުޝްތަރީއެވެ. "

ކަރަންޓީނު

Quarantine

karanteenu

ބިރާސް

Panic n.

biraas

ހަތަރުބީރުންގެވާހަކަ

[މިސާލުބަސް] ހަތަރުބީރުން ދެއްކިކަމުގައި ބުނެވޭ ވާހަކައެއް، މީގައި އެކަކު ކިޔާ އެއްޗެއް އަނެކަކަށް އޮޅުން ނުފިލައިގެން އެކި މީހުން ދެއްކީ އެކި ވާހަކައެވެ. ބައަކު މިބާވަތަށް ވާހަކަ ދައްކަންޏާ މިސާލަކަށް ބުނެއުޅެނީ "އެ ދައްކަނީ ހަތަރު ބީރުންގެ ވާހަކަ" އެވެ.

ހިންމަފުށީލަދުބޮޑުބޭހެދުން

[މިސާލުބަސް] ލަދުގަންނަންވީ ކަމަކަށް ލަދުނުގަނެ ލަދުނުގަންނަންވީ ކަމަކަށް ލަދުގަތުމުން ބުނެއުޅޭ ބަހެއް.

ހިކަނދިމީދަލުގެވެސް އަބުރެއް އޮންނާނެ

[މިސާލުބަސް] އެންމެދެރަ މީހާގެވެސް އަބުރެއް އޮންނާނެއޭ ބުނުމަށް ބުނެއުޅޭބަހެއް.

ހިތުގައިގާގަނޑެއްހެންއޮތުން

[މިސާލުބަސްް] ތިމާޔަށް އަސަރު ކުރާ ގޮތަށް އަނެކަކު ކުރާ ކަންތައް ނުވަތަ ބުނާ ބަސްތައް ހިތުން ފިލައި ގެން ނުގޮސް ހުންނަ ހުރުމަށް ބުނެއުޅޭ ބަހެއް.

ހިތް އޮންނާނީ ސިދުރަތުލް މުންތަހާގައެވެ

[މިސާލުބަސް] މިންވަރަށް ވުރެ މާ މައްޗަށް ހިތް ގެންގޮސްގެން އުޅޭ މީހުނާމެދު ބުނެއުޅޭ ބަހެއް.

ހިތްއޮންނާނީއާސްމާނުގައެވެ.

[މިސާލުބަސް] މީހެއްގެ ކިބުރުވެރިކަމާއި ބޮޑާކަން މާ މައްޗަށް ދިއުމުން އެކަމާމެދު ބުނެއުޅޭ ބަހެއް.

ހީވަނީ ރެވިތެޔޮ ވަށައިގެން އުޅޭހެން

[މިސާލުބަސްް] މާ އަވަސް އަރައި ގަނެގެން އެއް ތަނެއްގައި ހިމޭނުން ނީނދެވިގެން ނުވަތަ ނުހުރެވި ގެން އުޅެން ފެށީމާ ބުނާބަހެއް.

ހީވަނީބަނޑުފުރިއަރައިދާނެހެން

[މިސާލުބަސްް] ދުވާވަހެއްގެ މީރުކަން ދޭހަކޮށް ދިނުމަށް ބުނެއުޅޭ ބަހެއް.

ހީވަނީ ކަފުލޯ ދުންމާރިއެއްގެ އަޑުހެން

[މިސާލުބަސްް] އަޑުގެ ހިމަކަމާއި ރީތިކަމާއި ތޫނުކަން ދައްކައިދޭން ބޭނުންކުރާ ބަހެއް.

ހީވީމެޔަށް ފެންއެއްޗެއް އަޅައިލިހެންނެވެ

[މިސާލުބަސްް] މާބޮޑަށް ސިހޭގޮތްވުމުން ނުވަތަ ބިރުގަތުމުން ބުނެ އުޅޭ ބަހެއް.

ހެޔޮކަމެއްގެ ބަދަލުގައި ތެޔޮހަމެއް

[މިސާލުބަސް] ހެޔޮކަމެއް ކޮށްދިނީމާ އެކަމަށް ޝުކުރުވެރިވުމުގެ ބަދަލުގައި ދެރަ އެއް ދިނުމުން ބުނެއުޅޭ ބަހެއް.

ހޮޅިންނަށް ދިގުރަށް ދައްކާހެން

މިސާލުބަސް: ގެއެއް ނުވަތަ ތަނެއް ވީދިމާއެއް ޔަގީންނުވެ، މީހަކަށް އެ ގެ، ނުވަތަ އެ ތަނެއް ދައްކަން އުޅުމުން ބުނެއުޅޭ ބަހެއް.

ނަގާފައިހުރި ދިދައެއްހެން

[މިސާލުބަސް] މީހުންގެ ލޮލުގައި އަޅައިގަންނަފަދަ ގޮތަކަށް.

ނުގަންނާން ހުންނަ ދޮނގެއްހެން

[މިސާލުބަސް] މީހަކު ކަމެއް ކުރާން ނުކުރާން ހުންނަ ހުރުމަށް ބުނެއުޅޭ ބަހެއް.

ރަންޏަކު ދަރިއެއްބޮޑެއް ނުކުރާނެއެވެ.

[މިސާލުބަސް] ރަނިބޭކަނބަލުންނަކީ ކުދިން ބެލުމުގެ ބަރުއުފުލާ ބަޔަކުނޫނެވެ. ތިމާ ނުކުރިޔަސް ކުށްވެރިނުވާ ކަހަލަ ތިމާކުރާންވާ ބައެއް ކަންތައް އެހެން މީހުންނާ ޖައްސާ ބައެއް މީހުންނާ މެދުގައި ބުނެއުޅޭ ބަހެއް. މިސާލު މީހެއްގެ ފަހާފޮއްޓަކުން އެއްޗެއް ފަހާލަން އައިމީހަކު ފަހާނިމިގެން ފޮށީގެ ސާމާނުތައް ރައްކާނިކޮށް އެއްޗެހި އެތައްމިތަނަށް އުކާލައިފައި ހިގައްޖެއްޔާ އޭނާ އާ މެދު މިހެންބުނެފާނެއެވެ.

ރަވޯކައިފާހޮޑަށްލުން

[މިސާލުބަސް] މާބޮޑަށް ރަވޯވެފައި ތިބޭކުދިންނާމެދު ބުނެއުޅޭ ބަހެއް.

ރިހޭފައިމައްޗަށް ފޮއިވެއްޓުން

[މިސާލުބަސް] ދަތިކަމެއްގެ މައްޗަށް ދަތިކަމެއްލިބުން.

ރީތިގަހަށް ބޮޑު ސަތަރު ވެއްޓުން

[މިސާލުބަސް] ހާމަ ތަނަކަށް އެއްލާލާފައި އޮތްހެން މީހަކުދިމާ އުއްޑުން އޮތުމުން ދީ އުޅޭ މިސާލެއް.

ރެއްސިރެކިދިޔެ

(ސ) [މިސާލުބަސް] ކެއުމުގެ ހައްދެއްނެތް މީހުންނަށް ބުނެއުޅޭ ބަހެއް.

ރެދިންގެ ކަންތައް

[މިސާލުބަސް] ހައިރާންވާހައި އަވަހަށް ކަމެއްކޮށް ނިންމީމާ ބުނެއުޅޭ މިސާލެއް.

ރޯބަޑިމަރިޔަންދައިތާ

ނ. [މިސާލުބަސް] ގިނައިންރޯ އަންހެން ކުދީންނާ ދިމާޔަށް ކިޔައިއުޅޭ ނަމެއް.

ރޯދަމަހުދިއްގާ ގަހަށް ހެދުން.

މ. [މިސާލުބަސް] މީހަކަށް ނަމަވެސް އެއްޗަކަށް ނަމަވެސް ތިމާ ބޭނުންވީމާ ކަމޭ ހިތައިގެން އުޅެފައި ބޭނުން ފުދުނީމާ އަޅާނުލުމުން ބުނެއުޅޭ ބަހެއް.

ބަންޑާރަ ޙަސަނަށް މޫދު ހިތަކަށް ލިބުން

[މިސާލުބަސް] އެހެން މީހަކަށް ބާރެއް ނުވަތަ ނުފޫޒެއް ނުފޯރުވޭގޮތަށް އެއްޗަކާއިމެދު ނުވަތަ ތަނަކާމެދު ފެންނަގޮތަކަށް ޢަމަލުކުރުމުގެ ބާރާއި އިޚްތިޔާރު މީހަކަށް ލިބުމުން އެކަމަށް ނިސްބަތްކޮށް ބުނެއުޅޭ ބަހެއް. (މިއީ މަލާމާތުގެ ގޮތުން ބުނެއުޅޭ ބަހެކެވެ.)

ބަރާއޮޑިއަކަށްބިސްމިވެސްބަރުވާނެ

[މިސާލުބަސް] ބަރާވެފައިވާ އުޅަނދަކަށް ކިތަންމެ ކުޑައެއްޗެއް އެރުވިޔަސް ބަރު ބޮޑުވާނެކަން އެންގުމަށް ބުނާބަހެއް.

ބަސަރާއަށްކަދުރުވިއްކުން

[މިސާލުބަސް] 1 އެއްޗެއް ނުހަނު ގިނައިން ހުރި ތަނަކަށް ހަމަ އެކަހަލަ އެއްޗިހި ވިއްކަން ގެންދިއުން. 2 [މަޖާޒު] ކަމެއްގެ މާހިރަކަށް އެކަމެއްގެ ގޮތް ކިޔައި ދިނުން.

ބަސް

ނ. 1 މީހެއްގެ ހިތުގައި އުފެދޭ ޝުޢޫރެއް، އަޑު ނުވަތަ އިޝާރާތް ބޭނުންކޮށްގެން ވަކިހަމަތަކެއްގެ މަތިން ފާޅުކުރާ ފާޅުކުރުން. 2 ބަހުރުވަ. 3 ލަފުޒު. 4 ރައިވަރުގެ ކާފިޔާ. 5 ފަސިންޖަރުން އަރުވައިގެން ދުއްވާ ބޮޑު އެއްގަމު އުޅަނދެއް. 6 އިބާރާތެއް ދޭހަވާ ވަކިވަކި އިބާރާތް. މިސާލު: ހަރުބަސް، މިސާލުބަސް. 7 ބުނާ ބުނުން. 8 ކަމަކާމެދު މީހަކު ކަނޑައަޅާ ބުނާގޮތް. 9 ކަމަކާމެދު މީހަކު ދެކޭގޮތް. މިސާލު: މިކަމާމެދު މުޙައްމަދުގެ ބަހެއްވެސް ހޯދާށެވެ.

ބަޑިތަކުރުވިހޭރޭއަލަފަތްއައިހެން

[މިސާލުބަސް] ނުލިބިގެން އުޅުނު އެއްޗެއް ކުއްލިއަކަށް މާގިނައިން ލިބުނީމާ ބުނެއުޅޭ މިސާލުބަހެއް.

ބީރައްޓެއްސެއްވިއްޔާ ފަސްކުޅަނދު މަދުވާނެ

[މިސާލުބަސް] ރާއްޖެތެރޭގެ މީހުންނަށް ކަންތައްތައް އޮޅުންނުފިލާތީ ދެރަކޮށްލުމުގެ ގޮތުން މާލޭމީހުން ބުނެއުޅުނުބަހެއް.

ބުޅަލުބުޑުގައިއުނބުންޖެހީމާ ދާހެން ދިޔުން

[މިސާލުބަސް] 1 ބިރުން ފަސްބަލާނުލައި، ހަރުކޮށް ދުވެފައި ދިޔުން. 2 ފަސްބަލާނުލައި ދުވެފައިދިއުން.

ބުޅާހައްޖުވުން

މ. [މިސާލުބަސް] ތިމާކޮށްކޮށްހުރި ނުބައިކަމެއް ދެން ނުކުރާނޭސިފަތައް ދައްކައިގެން އުޅޭމީހުނާ މެދުގައި ބުނެއުޅޭގޮތެއް.

ބުމަރު ޖަހައިގެން އިނުން

[މިސާލުބަސް] އެއްދިމާއެއް ބަލަހައްޓައިގެން އަނގައިން ނުބުނެ ހައިރާންވެފައި އިންނަ އިނުމަށް ބުނާބަހެއް.

ބެއަސްނުބެއަސް ހައިވަކަރުއޮޑި ނަންވާނެ

[މިސާލުބަސް] ރަނގަޅުކަމެއް ކުރިޔަސް ނުކުރިޔަސް ބޮޑަށް ނަންވާނީ އެކަމަށް މަޝްހޫރުވެފައިވާ މީހެކެވެ. މި ބަސް މީގެ އިދިކޮޅަށްވެސް ބުނެއުޅެއެވެ.

ބޮލަށްއުނބުވެރޭ ރުކެއް ކެނޑުން

[މިސާލުބަސް] މީހަކަށް އުނދަގޫ ވޭވޭހުރިކަމެއް ފިލައިގެންދިއުން.

ބޮޑުދެގެރިތަޅަންޏާ މަހާނަގަލަށް ބާރުކުރާނެ

[މިސާލުބަސް] ބޮޑުދެގެރި ތަޅަންޏާ ކަށްގަލަށް ބާރުކުރާނެ.

ބޮޑުހުޅުދޫމީހުންގެވަކިވުން

[މިސާލުބަސް] އެކީގައި ތާކަށް ގޮސްގޮސްހުރެފައި އަނެކަކުގާތު ބުނުމަކާނުލައި ވަކިވެގެން ދާދިޔުމަށް ބުނެއުޅޭބަހެއް.

ބޮޑުނަސީބުފިޔޮހީންޖެހުން

[މިސާލުބަސް] ނޭނގިހުރެ ކުރެވޭ ކަމަކުން ތިމާޔަށް ރީތި ލިބޭނޭގޮތް ދިމާވުން.

ބޮޑުތަކުރުޔާސީމަށްއަރާއިނުން

[މިސާލުބަސް] ކެއުމުގެ ޖަމާޢަތަކަށް ވަގުތުގެ މާކުރީންގޮސް ކާން ހަދައިފައި ހުރިތާނގައި ހިތްގައިމުކޮށް އިނުން.

ބޯކެޔޮވަލަކުހުޅުލީހެން

[މިސާލުބަސް] ޚަބަރެއް ފެތުރިގެންދިޔަލެއް ހަލުއިކަން އަންގައިދިނުމަށް ބުނެއުޅޭ ބަހެއް.

ބޯޖެހިތާނަގޫޖަހާފައިދިއުން

[މިސާލުބަސް] މާހަރުކޮށް ދުވެފައި ދިޔުމަށް ބުނެއުޅޭ މިސާލެއް.

ކަހާތަންހިރުވައިވެސްނުލުން

[މިސާލުބަސް] ތިމާ ދައްކާ ވާހަކައަކަށް އަނެކަކު ދެނަހުރި ކަމަށްވެސް ނެހެދުން.

ކަށިނުޖެހޭދޮންލުނބޮއެއްހެން

[މިސާލުބަސް] އެއްވެސްގޮތަކުން އުނިކަމެއްނެތް. މިމިސާލު ބޭނުންކުރަނީ ބިކުރުވެރި އަންހެންކުދިންނަށް ނިސްބަތްކޮށެވެ.

ކަނދިކަމަނާމަސްތެލުލުން

[މިސާލުބަސް] ތިމާކުރާން އުޅޭ މަސައްކަތުގެ ގިނަބައި ތިމާ އިންތާ އިނދެގެން އެހެން މީހުންލައްވައި ކުރުވައިފައި މިކުރިކަމެއް ރަނގަޅުވެއްޖެއްޔާ ތިމާ ކުރިކަމެއް ކަމުގައި ހަދައި، ނުބައި ވެއްޖިއްޔާ އެހެންމީހުން މަތީއެޅުވީމާ ދީ އުޅޭ މިސާލެއް.

ކަނދޮ

ނ. (ޏ،ސ) 1 ކަނދު. 2 ދޮށް. [މިސާލުބަސް] ވެޔޮކަނދޮ، ރުއްކަނދޮ.

ކަނދޮޅަކަށްހެދުން

މ. [މިސާލުބަސް] ދިވެހި ރުކެއްގެ އިހާތައް އެކީ ކޮށައި ލުމުން ބުނެއުޅޭ ބަހެއް.

ކަނދޮޅަކަށްވުން

މ. [މިސާލުބަސް] ދިވެހި ރުކެއްގެ ކުރީގައި އެއްވެސް އެއްޗެއް ގެންފައި ނެތުމުން ދީއުޅޭ މިސާލެއް.

ކަނޑީރަސްގެއެއްކަހަލަ

[މިސާލުބަސް] މާރުޅިގަދަ ގޮތްދޫނުކުރާ މީހުންނާމެދު ބޭނުންކޮށްއުޅޭ މިސާލުބަހެއް.

ކަނޑުގައިއަޅާރޮނގެކޭއެއްފަދަ

[މިސާލުބަސް] ބުނެދޭ އެއްޗެއް، ނުވަތަ ދަސްކުރާ އެއްޗެއް އަވަހަށް ހަނދާން ނެތުނީމާ ދީއުޅޭ މިސާލެއް.

ކަނުކަލޮޔަށްއިރުވާހުދުދެއްކުން

[މިސާލުބަސް] ހަޤީޤަތާއި ޚިލާފުގޮތަކަށް އަނެކަކަށް އެއްޗެއް ތެދުކޮށްދިނުން.

ކަޅިފުށީކަލޭގެކޮކަޑި

ނ. [މިސާލުބަސް] ކުރާކަމަކުން ނުކުންނަންވީ ނަތީޖާއެއް ނުނިކުތީމާ ޖަހައި އުޅޭ މިސާލެއް.

ކަޅުއޮށްފުންމިއަށްކާފަރުންއަރާ އޮތްހެން

[މިސާލުބަސް] އެއްތަނަކަށް ނުވަތަ އެއްޗަކަށް ނުކުޅަދާނަ ވަރަށް މީހުން އަރައި ތިބުމުން ބުނާ ބަހެއް.

ކަޅުއޮށްފުންމިއަށްކާފަރުންއެރިހެން

[މިސާލުބަސް] ފުރާދުއްވާ އެއްޗަކަށް މީހުން އަރާތިބިލެއް ގިނަކަން ދޭހަކޮށް ދިނުމަށް ބުނެއުޅޭ ބަހެއް.

ކަކޫގާތުގައިބުނާވާހަކަވެސްސިއްރެއްނުވާނެއެވެ

[މިސާލުބަސް] ކިތަންމެގާތް މީހެއްގެ ގާތުގައި ސިއްރެއް ބުންޏަސް އެސިއްރު ބޭޒާރުވެދާނެކަން އެންގުމަށް ބުނާބަހެއް.

ކައިވަތުދެކޮޅުއަނގޫފުރަ

[މިސާލުބަސް] އާދަޔާޚިލާފަށް ދޭތެރެގާތްކޮށް ކަމެއްވާންފެށީމާ ދީއުޅޭމިސާލެއް. މިސާލު: އޭނާ ކައިވަތު ދެކޮޅު އަނގޫފުރައިގައެވެ.

ކަވާ ޖަހަންވެފައި ހުރި މީހަކު ތޮށިމައްޗަށް ވެއްޓުން

[މިސާލުބަސް] 1 ލޭ ނުބައިވެފައިހުރި މީހަކު، ތޫނު ގާތަކެއްގެ ތެރެއަށްވެއްޓި ތަންތަންކެނޑި ލޭނުކުތުން. 2 [މަޖާޒު] ތިމާގެ އެދުން ފައުޅުކުރުމަކާ ނުލައި، ބޭނުންކަމެއް ފުދުން.

ކީހާޅެންފަރިއްސަށްވުން

[މިސާލުބަސް] ހުރިހާ ކަމެއް ތާކުންތާކުނުޖެހި ދިއުން.

ކުކުޅަށްވުރެބިސްދޮށިވުން

[މިސާލުބަސް] ތިމާޔަށް ވުރެ ކަމަށް އެކަށީގެންވާ މީހުން ތިއްބާ އެކަމަށް އިސްވެގަނެގެން އުޅުން.

ކުކުޅުފައިދޮށުވެ ފިޔޮކެއް މަރެއްނުވާނެ

[މިސާލުބަސް] ކަމެއް ރަނގަޅަށް ދަންނަ މީހަކު އަތުން ކަމެއް ގޯސްނުވާނެކަން ދެއްކުމަށް ބުނެއުޅޭ ބަހެއް.

ކުކުޅުގުއި ދޮއްވުމެކޭ އެއްގޮތްވުން

[މިސާލުބަސް] ފައިދާއެއްނެތްކަމެއް ތަކުރާރުކޮށް ކުރަންޖެހުމުން ބުނެއުޅޭ ބަހެއް.

ކުއްޅަވައްފަލުރަނިންނަށްވުން

މ. [މިސާލުބަސް] މީހަކު ދެރަކޮށް ހުރިއިރު ބޭނުންކުރި އެއްޗެއް، އެމީހަކު މޮޅުވީމާ ނޭނގޭކަމަށް ހެދިގެން އުޅެން ފެށީމާ ބުނާބަހެއް.

ކެތްކުރިމީހާއަށްހޫނުބޮނޑިބަތް

[މިސާލުބަސް] ކެތްކުރާ މީހާޔަށް ފަހުން މާ ރަނގަޅު ގޮތްގޮތް ވާނެކަން އަންގައި ދިނުމުގެގޮތުން ބުނެއުޅޭބަހެއް.

ކޮނޑުހުރިއަތްނޭނގޭހާބޯކޮށް

[މިސާލުބަސް] ވާރޭވެހޭލެއް ބޯކަން އަންގައިދިނުމަށް ބުނެއުޅޭބަހެއް.

ކޮނޑުއޮތްފުރޯވަލުންހޯދުން

] މިސާލުބަސް[ ތިމާ ގެންގުޅުނު އެއްޗެއް، ކައިރީގައިއޮއްވާ އެއެއްޗެއް ބޭއްވުނުތަން ހަނދާންނެތިގެން އެ އެއްޗެއް ހޯދާން އެތަންމިތަން ބެލުން.

ކޮއްތަށް ދީފައި ބަނޑަށްދޭ ވަރަށް ހުރުން

[މިސާލުބަސް] އެއްޗެއް މާގިނައިން ހުރީމާ ދީއުޅޭ މިސާލެއް. މިސާލު: އެގޭގައި ކޮއްތަށް ދީފައި ބަނޑަށްދޭވަރަށް ހިކަނދިފަތް ހުރެއެވެ.

އަށްޑަމުތެލި

ނ. [މިސާލުބަސް] 1 އަށްޑަން. އިރުންކެކޭ ވިހާގެ ބޭހެއް. 2 [މަޖާޒު] އެއްޗެއް ކައްކަން އުޅޭތާ މާގިނައިރުވީމާ ބުނާގޮތެއް.

އައު ކުކުޅަކަށް ގައު ބިހެއް އެޅުން

[މިސާލުބަސް] ތިމާޔަށް ވެވުނު ކުޑަ ކަމެއް ނުވަތަ ތިމާއަށް ލިބުނު ކުޑަކުޑަ ނިޢުމަތެއްގެ ވާހަކަ މާބޮޑު ކަމަކަށް ހަދައިގެން ދައްކަ ދައްކައިފައި އެކަމާ އުފާވެގެން އުޅުން.

އަލިހަނޑޫބަނޑަށްދިނުން

ނ. [މިސާލުބަސް] ތަކެތި ހުސްވެގެންގޮސް ބޭނުންނުކޮށް ރައްކައުކޮށްފައި ހުންނަ އެއްޗެހި ނަގައި، ގެންގުޅޭންޖެހުން.

އިހަށްއެދުރު ދެއްކިގޮތަށްފަހުން އެދުރުކަންކުރުން

[މިސާލުބަސް] ކުރިން ހުރިމީހާކަންތައް ކުޅަގޮތަށޭ، ފަހުން ހުންނަމީހާ ކަންތައްކުރާނީ. މިބަސް ގިނައިން ބުނެއުޅެނީ ކުރީގައި ހުރި މީހާކޮށްފައި އޮތް ނޭދެވޭ ކަމެއް ފަހުން ހުރިމީހަކު ހަމައެގޮތަށް ކޮށްގެން އުޅޭ ވަގުތުގައެވެ.

އިރުވިދިފައިއިންމާކަނައެއްހެން

[މިސާލުބަސް] މީހަކު ކަމަކާމެދު މާބޮޑަށް ދެރަވެ ހާސްވެ ހަދާނެ ނުހަދާނެ ގޮތެއް ނޭނގި ހުއްޓިފައި އިންނަ އިނުމަށް ބުނެއުޅޭގޮތެއް.

އުޑިކިބަފިލުން

މ. [މިސާލުބަސް] 1 ތަންދޮރުއެނގުން. 2 ކަންކަމުގެ މަޢުލޫމާތު އެނގުން. 3 ކަންކަމުގެ އާޖުފާޖު އެނގުން.

އެއްއުރާގައިދެކަނޑިއަކަށްނޯވެވޭނެއެވެ.

[މިސާލުބަސް] ކަމަކާމެދު އެއްވަރަށް އިޚުތިޔާރު ލިބިފައިވާ ދެމީހަކަށް އެއްކަމެއްގެ ވެރިކަން ދީގެން އެކަމެއް ރަނގަޅަކަށް ނުހިންގޭނެއޭ ބުނުމަށް ބުނާ ގޮތެއް.

އެއްފުޅައްމަތިން ފުންމައިލި ބަކަރި އަނެއްފުޅަންމަތިންވެސް ފުންމައިލާނެއެވެ

[މިސާލުބަސް] 1 އެކަކަށް ހަރާން ކޯރުވީމީހަކު އަނެކަކަށްވެސް ހަރާމްކޯރުވާނެއޭ ބުނުމަށް ބުނެއުޅޭ ބަހެއް. 2 ވިޔާނުދާ އެއްކަމެއް ކޮއްފިމީހާ އެފަދަ އަނެއްކަމެއްވެސް ކުރާނެއޭ ބުނުމަށް ބުނެއުޅޭ ގޮތެއް.

އޮށިފުޅަފުގައިދޮރޯށިލުން

[މިސާލުބަސް] ތިމާޔާ އެކަށީގެންނުވާހައި މޮޅަށް ކަމެއް ބެހެއްޓީމާ ދީއުޅޭ މިސާލެއް.

އޮށްގާފިލާއައުން

[މިސާލުބަސް] ކުއްލިއަކަށް މުދާތަކެއް ނުވަތަ ފަހިކަމެއް ލިބުނީމާދޭ މިސާލެއް.

އޮށްގެންފައި ފޯދުން

[މިސާލުބަސް] އެކަމެއް ވާނެ ސަބަބުތައް މެދުވެރި ވެފައިވެ. އެކަމެއް ވާނެޔޭ ހީވެފައި ވަނިކޮށް ކުއްލިއަކަށް ހުއްޓުނީމާ ދޭމިސާލެއް.

ވަށަފަރުމީހުންއުނބަށްޖެހުން

މ. [މިސާލުބަސް] ބޭނުން ނެތިގެން ދޫކޮށްލި އެއްޗެއް ފަހުން ބޭނުން ކުރުމުން ބުނާބަހެއް.

ވަށްޓެއްގައި ކަނޑޫޖަހާފައި ހުރިހެން

[މިސާލުބަސް] ވަކަކާޖެހި ވަކެއް އަތުރަމުންގޮސް ވަށިފުރާލުން. ފުރާދުއްވާ އޮޑިދޯނިފަހަރަށް އެ އެއްޗެކާއި އެކަށީގެންނުވާ ވަރަށް މީހުން އަރާ ތޮއްޖެހިފައި ތިބުމުން ބުނެއުޅޭ ބަހެއް.

ވަރުހުންނާނީ ވަނާޖުނބޭސާއަކުނޫނެވެ ފައިސާގައެވެ

[މިސާލުބަސް] ކިޔޭއަންބާއަކަށްވުރެ ފައިސާގެ ބާރު މާގަދަވާނެއޭ ބުނުމަށް ބުނެއުޅޭ ބަހެއް.

ވަޅިދުށްތާ ކާށިކެއުން

[މިސާލުބަސް] ތިމާކުރި މަސައްކަތެއްނެތި ބައެއްގެ މެދުން ކުރިމަތިވާ ކަމަކުން ފައިދާ ހޯދައި ގަތުމަށް ދީއުޅޭ މިސާލެއް.

ވަކާރަންއެޅުން

މ. (ހ) [މިސާލުބަސް] ކޮންމެވެސް ބާވަތެއްގެ އެއްޗެއް އެއްތަނަކަށް އެޅުން. މިސާލު: ހީވަނީ ވަކާރަށް އަޅައިފައި އޮތްހެނެވެ.

ވަދަކު ޖެހުނު ކޮރަކައްޔެއްހެން ދަމައި ގެންދިއުން

[މިސާލުބަސް] ފުރާނައާއި ހައްޓަށް ބެލުމެއްނެތި ދަމާކޫއްތަމުން ގެންދާ ގެންދިއުން.

ވަގުފިނދަށް ބަދުރުވަ ލައިގަތުން

މ. [މިސާލުބަސް] ބިރުދެއްކުމުގެ ގޮތުން ސިފަދައްކައިގެން ބުހުތާނެއްގެ ގޮތުގައި ދައްކާ ހުއްޖަތް. މިއީ މިނިކާވަގާބެހޭ ގޮތުން ކުޑަކުދިންނަށް ކިޔައިދޭ ފުލޯކުވާހަކައަކުން ނެގިފައިވާ މިސާލުބަހެކެވެ.

ވަގުލޮލަށްމަސްބެހުން

މ. [މިސާލުބަސް] އެއްޗެއް ބަހާއިރު އެތަނެއްގައިވާ އެންމެ އިސްމީހާއަށް އެންމެ ރަނގަޅު އަދި އެންމެ ފައިދާ ހުރިތަކެތި އެންމެ ގިނައިން ލިބޭގޮތަށް ބެހުން. މިއީ ކުޑަކުދިންނަށް ކިޔައިދޭ މުސްކުޅި ވާހަކަ އަކުންނަގައިފައިވާ މިސާލެކެވެ.

ވާރޭފެނާވަށަނގުއްޔާ

މ. [މިސާލުބަސް] އޮއްޓަރާއި ދިޔަޔާ އެކުނުވާގޮތަށް ހުންނަ ރިހަފަދަ ތަކެތި.

ވާލުބުޅިއެޅުން

މ. [މިސާލުބަސް] ވާލެއް ވަކިއަޅާފައި ހުންނަހެން އަކުރުތައް ހުތުރުކޮށް ލިޔެވިފައި ހުންނަ ލިޔުމަށް ކިޔާ ނަމެއް.

ވެނުމަސް ވެނަށް ކާންދިނުން

[މިސާލުބަސް] މީހެއްގެ އެއްޗެއް އެމީހާއަށް ނާންގާ، އެހެން މީހެއްގެ އެއްޗެއްގެ ގޮތުގައި އެމީހަކަށް ދިނުން.

ވެއްޖިއްޔާރަނާހަމަނުވެއްޖެއްޔާ މަރާހަމަ

[މިސާލުބަސް] ކަމަކަށް ކުރިމަތިލާއިރު އެކަމެއް ވެއްޖިއްޔާ ހުރިމޮޅުކަމާއި އެކަމެއް ނުވެއްޖެނަމަ ހުރި ނުރައްކާތެރި ކަން ހާމަ ކުރުމުގެ ގޮތުން ބުނެއުޅޭ ބަހެއް.

ވޮށިމަސް މިޔަރު މަސްބުރިއަށް ބަހަލައްޓައިގެން އޮންނަހެން އިނުން

[މިސާލުބަސް] އެއްޗަކަށް މާބޮޑަށް ބޭނުންވެގެން ދަހިވެތިކަމާއެކު އެއަށް ބަލަހައްޓައިގެން އިނުން.

މަހުބޫބުފޮށާ

ނ. [މިސާލުބަސް] މެދުކަށިމަތީގައި ނުވަތަ ދިއްކަށިމަތީގައި، މުންޑު އަނުމަށް ބުނެއުޅޭ ބަހެއް.

މަނަދޫސޭކުހެއްދުން

މ. [މިސާލުބަސް] ލޯބިވާކަމަށް ދައްކައިގެން މީހަކު ހައްދައިގެން އުޅުން.

މަސްދާނީފެންއޮތްތާކަށެވެ

[މިސާލުބަސް] މީހުން ގިނައިންދާނީ ތަނަވަސް ކަމަކާއި މުއްސަނދިކަން ހުންނަތަންތަނަށްކަން އަންގައި ދިނުމަށް ބުނެއުޅޭ ބަހެއް.

މަޑިދަންޏާކަށިދާނެ

[މިސާލުބަސް] "މަޑިދާތާކަށްކަށިދާނެ".

މަޑިދާތާކަށްކަށިދާނެ

ނ. [މިސާލުބަސް] ދެމީހަކު އަބަދުހެން އެކުގައި އުޅޭނަމަ އެކަކު ދާތާކަށް އަނެކަކު ދާނެކަން އަންގައިދިނުމުގެގޮތުން ބުނެއުޅޭ ބަހެއް.

މާފަންނުމީހުންކަނޑުނުބައިކުރުން

މ. [މިސާލުބަސް] ކަމެއް ނުކުރެވުނީމާ ނުވަތަ ކަމެއް ކުރަން ނޭނގުނީމާ ތިމާގެ ހުރި އުނިކަން ޤަބޫލުނުކޮށް އެކަމާބެހޭ އެއްޗެހީގައި ހުރި ކުށެއް ކަމުގައި ހެދީމާ ބުނެއުޅޭ ބަހެއް.

މިނެދިންނާޅިއަކުންމިނެދިނުން

[މިސާލުބަސް] އެމީހަކު ކަންތައް ކުރި ގޮތަކަށް އެމީހަކާ ދޭތެރޭ ކަންތައްކުރުމަށް ބުނެއުޅޭ ބަހެއް.

މިރިނުވެގޮބޮޅިކާށިވުން

މ. [މިސާލުބަސް] ނުވާ ދުވަހުން ބޮޑުވެގެން އުޅުން.

މުޅިއޮޑީގައިހަސަނުދެފައި

[މިސާލުބަސް] ތަނެއްގައި ނުވަތަ ކަމެއްގެ ތެރޭގައި އުނދަގޫވާގޮތަށް މީހަކު އުލެންފެށުމުން ނުވަތަ ތަނެއްގައި މީހުންނަށް އުނދަގޫވާގޮތަށް މީހެއްގެ އެއްޗެހި ބަހައްޓާފައި ހުރުމަށް ބުނެއުޅޭ ބަހެއް.

މުގުރިންނަށްވެސްކުށްކިޔެއެވެ.

[މިސާލުބަސް] ކިތަންމެމޮޅަށް ކިޔަވައިގެން ހުރިމީހަކަށްވެސް ކުށެއް ކިއިދާނެކަން އަންގައިދިނުމަށް ބުނެއުޅޭބަހެއް.

މުސްކުޅިބަސް

ނ. 1 ބޯދާބަސް، 2 ހަރުބަސް، 3 މިސާލުބަސް ފަދަ ބަސްތައް. 4 ދިވެހިބަހުގެ އަދަބީ ބަސް ތަކުގެ ތެރެއިން އިހުއްސުރެ ބޭނުންކުރެވުމުން އަންނަ ހަރުބަހަކަށް ނުވާ ޖުމްލައެއްގެ ގޮތުގައި ހިމެނޭބަސްބަސް.

މެޔަށްފެންއެއްޗެއްއަޅައިލިހެންހީވުން

[މިސާލުބަސް] ސިހުމެއް ލިބިގެންކުރާ އަސަރަކުންވާ ގޮތާމެދު ބުނެއުޅޭބަހެއް.

މޮހޮނަށްދޯނިދިނުން

މ. [މިސާލުބަސް] 1 އެއްވެސް ބޭނުންމެއް ނުކުރެވޭ ގޮތަށް، މީހަކަށް އެއްޗެއް ދޭދިނުން. 2 އިހްތިޔާރެއް ނެތްގޮތަށް ކަމެއް ޙަވާލުކުރުން.

މޮޅިންމޮޅިސާލުލުން

މ. [މިސާލުބަސް] ބޮޑު ހިތާމައެއް ކުރުން.

މޮޔަޙަސަނަށްއަމާފެނުން

މ. [މިސާލުބަސް] މީހަކު ފެންނައިރަށް އެއީ ވަކި މީހެކޭ ހީވެގެން އުޅުން.

ފަންޑިތަހުސްވެފައިހުރިއެދުރުބޭކަލެއްހެން

[މިސާލުބަސް] ގޮތްހުސްވެފައި ހުންނަ ހުރުމަށް ބުނެ އުޅޭ ގޮތެއް.

ފައިޖެހުނުތާ ވެލިކޮޅުވެސް ގެންދިއުން

[މިސާލުބަސް] މީހަކު ތަނެއްގައި އުޅެފައިދާ އިރު އެތަނެއްގައި ގެންދެވެން ހުރިހުރިހާ އެއްޗެއް ހިފައިގެން ދިއުމުން ބުނެއުޅޭ ބަހެއް.

ފަސްކުޅަނދުމަދުވުން

[މިސާލުބަސް] ސިކުނޑީގައި އުނިކަމެއް ހުރުމުން، ނުވަތަ ކަމަކަށް ބީރައްޓެހިވުމުން ބުނެއުޅޭ ބަހެއް.

ފަސްތަނުގައި ބެހެއްޓި މުޅޯށްޓަކަށްވުން

[މިސާލުބަސް] ޒުވާން އުމުރުގައި ކަންނެތްވެ ރީތި ކަމާމެދު ފަރުވާކުޑަކޮށް އުޅޭ ނުވަތަ ޅައުމުރުގައި ކުދިން ގިނައިން ވިހައި ހަށިގަނޑު ދެރަވާ އަންހެނުންނާމެދު ބުނެއުޅޭ ބަހެއް.

ފަސްގަނޑެއް ނުދާނެއެވެ. ދާނީ މީހާއެވެ.

[މިސާލުބަސް] މީހާކޮންމެ ތަނެއްގައި ހުއްޓަސް އެމީހާ މަރުވާން އިރާދަ ކުރައްވާ ތަނަކަށް ގެންދަވާނެކަން ބަޔާން ކުރުމަށް ބުނެއުޅޭ ބަހެއް.

ފިނޭންފުރިގޮތަށް

[މިސާލުބަސް] ހައިބަނޑާ ހުރުމަށް ބުނެއުޅޭ ބަހެއް.

ފިންދުނިކާއްތައިލައިފައިދިއުން

މ. [މަޖާޒު] [މިސާލުބަސް] މުސީބާތެއް ނުވަތަ ނުރައްކަލެއްގެ ތެރެއަށް ކިރިޔަ ކިރިޔާ ނުވެއްޓި ސަލާމަތް ވުން.

ފިޔަލަބޮލަށްނާދުއްވުން

މ. [މިސާލުބަސް] ފިޔަލަ ބޮލަށް އޮޑިދުއްވުން.

ފިޔަލަބޮލަށްއޮޑިދުއްވުން

[މިސާލުބަސް] ފުރާދުއްވާ އުޅަނދު ފަހަރު ވަކި މިސްރާބެއްނެތި ލާހޫރޭ ގޮތަށް ދުއްވުމަށް ބުނެއުޅޭ ބަހެއް.

ފުނަނުޖަހާބެރަކަށްނެށުން

މ. [މިސާލުބަސް] 1 ފޯރިއެއްނެތް ކަމެއްގައިއުޅުން. 2 އެއްޗެއް ނުލިބޭ ކަމެއްގައި ބައިވެރިވުން.

ފުދުނު ބަކަރި ހެދިގެން އުޅުން

[މިސާލުބަސް] މީހަކު ހެދިހައިގޮތަކަށް ރުހިގެން އުޅުން.

ފޫނެތްފަޔަށްފެންފުރުން

މ. [މިސާލުބަސް] ފައިދާއެއްނެތް މަސައްކަތް ކުރުން.

ފެންފުށްޓަށްމަހާނަގާވިއްކުން

[މިސާލުބަސް] އެއްޗެއް އެންމެގިނައިން އުފައްދާ ނުވަތަ އުފެދޭ ތަނަކަށް އެބާވަތުގެ އެއްޗިހިތަކެއް ހިފައިގެން ވިއްކަން ދިޔައިމާ ބުނާގޮތެއް. މިސާލު: ތިޔަ ވިއްކަން އުޅެނީ ބަސަރާއަށް ކަދުރުތާއެވެ.

ފޮނުޖަހަންޏާކުރަނތްގަށްކަމުދާނެ

[މިސާލުބަސް] ނުލިބުނަކަސް ލޮލަށް ފެންނަންޏާ ކަމުދާނެއެވެ. މިހެން ބުނެއުޅެނީ ހިތާވެގެން އުޅޭ މީހާއާއި ބެހޭގޮތުންނެވެ.

ދަނގެތީމީހުންރޯދަވީއްލުން

[މިސާލުބަސް] ކައިނިމިގެން ފައިބާއިރު މުޅިސުފުރާ މައްޗަށް ކާއެއްޗެހި އެޅިފައިހުރުމުން ބުނެއުޅޭ ބަހެއް. މިސާލު: މިތަންހީވަނީ ދަނގެތީ މީހުން ރޯދަވީއްލައިފައި އޮތްހެނެވެ.

ދަންބެރަށް ވުރެ ތަގުޑިދިގުވުން

މ. [މިސާލުބަސް] 1 އެއްޗެއް ބުނަންވެގެން އުޅޭއިރު އެއެއްޗެއް ބުނުމަށްޓަކައިދައްކާ އެހެން ވާހަކަތައް ގިނަވުން. 2 ކަމެއް ކުރުމުގައި މައިގަނޑު މަސައްކަތަށްވުރެ އެކަމާގުޅޭ އެހެނިހެން ކުދިކުދި ކަންތައްތަކަށް މާގިނަވަގުތު ނަގައިލުން.

ދަމައިގަތްކަނޑީގެމިޔަމައްޗަށް

[މިސާލުބަސް] ދަމާލިކަނޑީގެ މިޔަމައްޗަށް.

ދަމައިލިކަނޑީގެމިޔަމައްޗަށް

[މިސާލުބަސް] ކެއުމަށް ތައްޔާރުވެފައިވަނިކޮށް ނޭގިއެތަނަށް ދެވުނީމާ ބުނެއެޅޭ ބަހެއް.

ދިއްފުށީރިހާކުރުގައިޖެހުން

މ. [މިސާލުބަސް] (ޅ) މީހުންމާ ބޮޑަށް ކަންކަމަށް ރުހި އެކަންކަމުގެ ތެރެއަށް ވަނީމާ ބުނެއުޅޭ ބަހެއް.

ދުންދަނޑިދެފައި

ނ. [މިސާލުބަސް] މާބޮޑަށް ހިމަކޮށް ހުންނަ ދެފައި.

ދެމީދާފެހިބުޅާހެން

[މިސާލުބަސް] އެއްވަގުތެއްގައި އެއްފަހަރާ ނުކުރެވޭ ކަހަލަ ދެކަމެއް އެއްފަހަރާ ކުރަން ދިމާކުރާ މީހާ ބުނެއުޅޭ ބަހެއް.

ދެފަހަރަށްގެނައިމާއިންނަހެން

[މިސާލުބަސް] މީހަކުކަމަކާ މާބޮޑަށް ގަޔާނުވެ އިންނަން ފެށީމާ އެމީހަކާމެދު ބުނެއުޅޭ ބަހެއް.

ތާޅަފިލިއޮޑީގެދުވެލި

[މިސާލުބަސް] ވާދަކުރާނެ އެހެން މީހަކު ނެތް ތަންތާގައި ތިމާވަރުގެ މީހަކު ނެތްކަމަށް ހެދިގެންއުޅޭ، ނަމަވެސް މީހަކާ ވާދަކޮށްފިނަމަ ދެރަވާ މީހުންނާމެދު ބުނެއުޅޭ ބަހެއް.

ތިންރިޔަލާއި ފެހުރު ނަގައިފައި ދިއުން

[މިސާލުބަސް] މީހަކު މާބާރަށް ހިނގައިފައި ދާތަން ފެނުމުން ބުނެއުޅޭ ބަހެއް.

ތެއުގުޅާސާދާކުރުން

މ. {މިސާލުބަސް} 1 ތިމާގެ މިންވަރަށްވުރެ މައްޗަށް ޚިޔާލު ކުރުން. 2 ޚިޔާލީ ފޮލާކެއްކުން.

ތޮށަލިތަކުރާޖެހުނުވިގަނި

[މިސާލުބަސް] މީހެއްގެ ފަހަތުން ދުރަށްނުގޮސް އުނދަގޫވާގޮތަށް އަޅައިގަނެގެން އުޅޭމީހާ އެ އުޅޭ ގޮތާމެދު ބުނެއުޅޭ ބަހެއް.

ލަންދޭސިޔަކު އޫރެއް ބަންހެން ބަނުން

[މިސާލުބަސް] ވަކިގޮތެއްނެތި އެގޮތް މިގޮތަށް ބާރަށް ބަންނަ ބަނުމަށް ބުނެއުޅޭ ބަހެއް.

ލަންދޭސިޔަކު އޫރުން ބަނދެލިހެން ބަނުން

[މިސާލުބަސް] ލަންދޭސިޔަކު އޫރެއް ބަންހެން ބަނުން.

ލޮނދިހިކައެއްހެންދިޔުން

(މިސާލުބަސް) 1 ކައްސާގޮތް ހުންނަ އެއްޗެއް އަތުތެރެއިން ކައްސައިލުމުން ބުނެއުޅޭ ބަހެއް. 2 މީހުންތަކެއް އެއްވެފައި އޮތްތާކުން މީހަކު ކުއްލިއަކަށް ނުކުމެގެން ދިއުމުން ބުނެއުޅޭ ބަހެއް.

ލޮނުގޮއްޔެ ތަރުތީބު ކިޔުން

[މިސާލުބަސް] ނުދަންނަމީހަކު ދަންނަކަމަށް ހެދިގެން ފޮތަކުން އެއްޗެއް ކިޔާގޮތް ދެއްކުމުން ބުނެ އުޅޭ ބަހެއް.

ލޮލަށް ވެއްޓުނު ކުނިކޮޅެއްހެން

[މިސާލުބަސް] ވަރަށްބޮޑަށް ކަމޭހިތައިގެން ގެންގުޅޭ ކުދިންނާ މެދު ނުވަތަ މީހުންނާމެދު ބުނެއުޅޭ ބަހެއް.

ގަހަށްފެންނަގޮތް

[މިސާލުބަސް] ޙަޤީޤަތެއް ނޫންކަން ހީއެއްކަން އަންގައި ދިނުމަށް ބުނާ ބަހެއް.

ގަރަނބުހުކުރަށްދާހެން

[މިސާލުބަސް] ދާންޖެހޭ ތާކަށް މާކުރިން ދާންނުކުމެގެން ރައްޓެހިންގެ ގޭގެއަށް ވަދެ ކޮއިބޮއި ދުންބޮއި ދުފާހަދައިގެން އެންމެފަހުން އެތަނަކަށް ދިއުން.

ގަމުމީހުންގެއަލައަށް

{މިސާލުބަސް} ފުރާދުއްވާ އެއްޗެއްސަށް މާގިނައިން މީހުން އެރުމަށް ބުނެއުޅޭ ބަހެއް.

ގަތްވަޅަށްމިޔަންއައުން

މ. [މިސާލުބަސް] ކުރިން ތިމާ އުޅެމުން އައި ތަނެއްގެ މަތިން ފޫހިވެގެން އެއަށްވުރެ ރަނގަޅު ވާނެކަމަށް އެހެން ތަނަކަށް ގޮސްފައި އެތަނެއްގައި ނުއުޅެވިގެން ކުރިން އުޅުނު ތަނަށް އަލުން އެނބުރި އައުމުން ބުނެއުޅޭ ބަހެއް.

ގާދިއްފުށީ މީހުންގެ ފެންކުޅި

[މިސާލުބަސް] މަޖަލަކަށް ނުވަތަ ކުޅިވަރަކަށް ކުރަން ފެށިކަމެއް ނުހުއްޓި ދިގުލާގޮތްވީމާ ބުނާ ބަހެއް.

ސަންގުގެރި ސޫޖީބޯހެން

[މިސާލުބަސް] ކެއިން ބުއިމުގެ އަދަބުތަކަށް ބެލުމެއްނެތި ދިޔާއެއްޗެއް ބޯންފެށުމުން ބުނެއުޅޭ ބަހެއް.

ސީދިއޮޑިއަށްސައިތާނު އަރައި އިންހެން

[މިސާލުބަސް] މީހަކު ކަމަކާ މާ ގަޔާނުވެ މޫނު އަނެއް ފަރާތަށް އަނބުރައިލައިގެން އިނުމުން ބުނެއުޅޭ ބަހެއް.

ހަހަރު

ނ. ލޯބި.

ބަސްފޮތް ގޫގަލް ޕްލޭ ސްޓޯރ އިން ޑައުންލޯޑް ކުރައްވާ

ބަސްފޮތުގެ މުޅިން އާ އިސްދާރެއް ބައްލަވާލައްވާ